ވިލިމާލޭގައި ޤާއިމުކުރާ 3 ކޮޓަރީގެ 300 ހައުސިންގ ޔުނިޓު ޚާއްޞަކުރާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް: ރައީސް

ވިލިމާލޭގައި ޤާއިމުކުރައްވާ 3 ކޮޓަރީގެ 300 ހައުސިންގ ޔުނިޓު ޚާއްޞަކުރައްވާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި ހިމެނިގެން، ރޭ، ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މި ހައުސިންގ ޔުނިޓުތަކަކީ މާލޭ ސަރަޙައްދުގައި ޤާއިމުކުރައްވާނޭކަމަށް އިޢުލާންކުރައްވާފައިވާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން 300 ހައުސިންގ ޔުނިޓުކަމަށާއި، މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މި އަހަރު ތެރޭ ފެށޭނޭކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، ހޮސްޕިޓާ އެހެންތަނަކަށް ބަދަލުކޮށްގެން މި މަސައްކަތްކުރާއިރު، ޚިދުމަތްދިނުމުގައި ކުރިމަތިވެދާނޭ ދަތިތައް ކުޑަކުރެއްވުމެއްޓަކައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެހީގައި ގޮތްތަކެއް ހަމަޖެއްސެވުމަށް މަސައްކަތްޕުޅުކުރައްވާނޭކަމަށެވެ. އަދި އެ ދަނޑިވަޅުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާނީ، ފެނާއި، ކަރަންޓާއި، ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތާ އެކީގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ފެށޭ އަހަރު، ވިލިމާލޭގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ކުރައްވާނޭ ކަމަށާއި، ވިލިމާލޭގައި ޔޫ. އެސް ޑޮލަރު އޭޓީއެމްއެއް ބަހައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި، ވިލިމާލޭގެ ޢުމްރާނީ މަސައްކަތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ދެއްވަމުން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަރީޒު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބު ވަނީ، ބުރިޖާއި، މަގުހެދުމާއި، ހައުސިންގ ޔުނިޓާ ގުޅޭ އިތުރު ތަފްޞީލުތައް ހިއްސާކުރައްވާފައެވެ. އަދި މި ހުރިހާ މަސައްކަތެއް ކުރިއަށްގެންދެވުމުގައިވެސް، ރަށުގެ ވެށި، ފެހިކަން މަތީ ދެމެހެއްޓެވުމަށް އިސްކަން ދެއްވާނޭކަމަށް ވިދާޅުވިއެވެ. އަދި ބުރިޖުގެ މަސައްކަތް ނިމުނުކަމުގައިވިޔަސް، ވިލިމާލެ އަކީ އިންޖީނުލީ އުޅަނދު ދުއްވޭ ސަރަހައްދަކަށް ހެދުމަށް ގަސްދުކުރައްވާފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރޭގެ ބައްދަލުކުރެއްވުމުގައި ވަނީ، ވިލިމާލޭ މަސްޖިދުއްސަލާމް ހުރި ބިމުގައި ޒަމާނީ މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކުރައްވާފައެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލަށް ހުޅުވާލި ފުރުޞަތުގައި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމުގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ، ރަށުގައި ހުރި ގިނަދުވަސްވީ ދެ ގަހެއްގެ ސަބަބުން، ދިމާވާ މައްސަލައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުން އެދިވަޑައިގެންނެވި ފަދައިން، އެ ދެ ގަސް ނެގުމަށް ނިންމަވާފައެވެ. މީގެ އިތުރުން ރައްޔިތުން ވަނީ، ކޯޕަރޭޝަނެއްގެ ދަށުން ވިލިމާލޭގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދެވުމަށް އެދިވަޑައިގެންފައެވެ. އަދި، ރަށުގެ މޫދަށް އެރޭ ސަރަހައްދު އިތުރަށް ތަރައްޤީކުރައްވައި، ފެރީ އަދި އެތެރޭގެ ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރައްވައި، ވިލިމާލޭގައި މަސްމާރުކޭޓެއް ޤާއިމުކުރެއްވުމަށް ރައްޔިތުން އެދިވަޑައިގެންނެވިއެވެ. އަދި މިއީ، ޤައުމަށް ވެރިޔަކު އިންތިޚާބުވެވަޑައިގަތުމަށްފަހު ވިލިމާލޭ ރައްޔިތުންގެ ހާލު ބައްލަވަން ދައުރުގެ ތެރެއިން ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން، ރައްޔިތުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. ރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވިލިމާލެއަކީ ވިލިމާލެއަށްވީތީ އިހުމާލުވެ، ތަފާތުކުރެވިފައި އޮންނަންޖެހޭކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ، މި ހުރިހާ ދުވަހު ވިލިމާލޭ ރައްޔިތުންނަށް ހާސިލުނުވެ ހުރި ކަންކަމާއި އިތުރު ކަންކަންވެސް ފުރިހަމަ ކުރެއްވުމުގެ އަޒުމުގައި ހުންނެވިކަން ހާމަކުރައްވާފައެވެ. What’s your Reaction? +1 0 +1 0.
https://mikalnews.com/news/25712/

Leave a Reply

Your email address will not be published. Required fields are marked *